ހިއުމަން ރައިޓްސް ކޮމިސަންގެ ނޫސްބަޔާން 23-3-2012




ވަކި ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް މީހަކަށް ތަފާތުކުރެވިގެން ނުވާނެއެވެ. އަދި އެއްވެސް ފަރާތަކަށް ފުރައްސާރަކޮށް ބިރުދައްކާ އަނިޔާވެރި އަމަލުތައް ހިންގުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ޤާނޫނުއަސާސީގެ އެކިއެކި ޙައްޤުތައް ބޭނުންކުރުމުގައި އަދި ޚާއްޞަކޮށް އެއްވުންތަކުގަޔާއި މުޒާހަރާތަކުގައި ވަކި ބަޔަކަށް އަމާޒުކޮށްގެން، އެކި މީހުންނާއި ތަންތަނަށް ގެއްލުންދިނުމަށާއި، ހަމަނުޖެހުމާއި ބިރުވެރިކަމަށް ގޮވާލަމުންދާ ކަން ފާހަގަ ކުރެވޭތީ މިފަދަ ކަންކަން ނުކުރުމަށާއި، މުޖްތަމުއުގެ ސުލްޙަމަސަލަސްކަމާއި ހަމަޖެހުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމެވެ. 

އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ އަދި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވާ ގިނަ ރައްޔިތުންތަކެއް ދިވެހިރާއްޖޭގައި ދިރިއުޅެމުން ދާތީ، ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތައް އެފަދަ ފަރާތްތަކުގެ ޙައްޤުތަކަށް އިހްތިރާމްކޮށް އެފަރާތްތަކަށްވެސް އުނދަގޫނުވާނޭ ގޮތަށް މުޒާހަރާތަކާއި އެއްވުންތަކުގައި ޢަމަލުކުރުމަށް މިކޮމިޝަނުން ގޮވާލަމެވެ. ގޯތިގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަން ކަމާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަކަށް ވެފައި، އެއްވެސް ފަރާތަކުން އަނެކުންނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގުމަކީ އިންސާނީ ޙައްޤުތަކާ ޤާނޫނު އަސާސީއާ ޚިލާފު ކަންކަމަށް ވާއިރު، ޒާތީ ގޮތުން ވިޔަސް ސިޔާސީ ގޮތުން ވިޔަސް، މިފަދަ ބިރުދެއްކުމާއި އަނިޔާވެރިވުމާއި ތަކެއްޗަށް ގެއްލުންދިނުންފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސް ކުރަމެވެ. 

އަދި އަމަން ބަލަހައްޓާ ފަރާތްތަކަށް ހަމަލާދީ އެފަރާތްތަކުގެ ޤާނޫނީ ވާޖިބަށް ހުރަސް އެޅޭފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށްވެސް މިކޮމިޝަނުން އިލްތިމާސްކޮށް، މިފަދަ އަމަލުތައް މިކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.



0 comments:

Post a Comment