ނ.އަތޮޅުގެ ފެރީ ދަތުރުތައް ހުއްޓިއްޖެ

ނ.އަތޮޅުގެ 13 ރަށުގެ ރައްޔިތުން އަތޮޅު ތެރޭގައި ދަތުރު ކުރަމުންދާ ފެރީގެ ދަތުރުތައް ހުއްޓިއްޖެއެވެ.
ދީބާޖާ ކުންފުނިން ނ.އަތޮޅުގައި ދެމުންގެންދާ ފެރީގެ ޚިދުމަތް ހުއްޓިފައި މިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. އެމްއެލް އަށް އެނގިފައިވާ ގޮތުގައި ދަތުރުތައް ހުއްޓިފައިވާ މައިގަނޑު ސަބަބަކީ ފެރީދޯނީގެ އިންޖީނަށް އަޅާނެ ތެޔޮނެތުމެވެ
.
އަތޮޅުގެ ހުޅަނގު ބިތުގެ ދަތުރުތައް ކުރާ ފެރީ މިއަދު ހެނދުނު ދަތުރު ކުރިނަމަވެސް އިރުބިތުގެ ދަތުރުތަކެއް ނުކުރެއެވެ. ތެޔޮއެޅޭނެ ގޮތެއް ނެތިގެން އަތޮޅު ތެރޭގެ ދަތުރުތައް ހުއްޓިފައިވާއިރު، އެކުންފުނިން ތެލަށްދައްކަން ޖެހޭ ބިލްތަކެއްގެ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކިވާ ކަމަށާއި، ފެރީކުރަން ބޭނުންކުރާ ދެދޯނީގެ ކުއްޔާއި، ބައެއް މުވައްޒަފުންގެ މުސާރަ ދިނުމުގައިވެސް ލަސްވުމެއް އުޅޭކަމަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ. އަދި މާދަމާ ނުވަތަ އަވަސް މުސްތަޤްބަލެއްގައި ވެސް އެދަތުރުތައް ފެށިދާނެކަމާމެދު އެފަރާތްތަކުން ސުވާލު އުފައްދައެވެ.
އަތޮޅުފެރީގެ ނިޒާމަކީ ވޭތުވެދިޔަ ދުވަސްތަކުގައި އަތޮޅު ރައްޔިތުންގެ ގިނަބަޔަކު ބޭނުންކުރަމުންދިޔަ މުހިންމު ޚިދުމަތަކަށް ވުމާއެކު، ފެރީގެ ޚިދުމަތް ހުއްޓިފައިވާތީ އެކި ރަށްރަށުގެ އާއްމުން ކަންބޮޑުވެއެވެ. އެމްއެލްއާ ވާހަކަދައްކަމުން ކުޑަފަރީ އައްލޯ ބުނީ އެމީހުން މިހާރުވަނީ ފެރީއަށް ހޭނިފައި ކަމަށާއި، އެއީ ޒަރޫރީ ޚިދުމަތެއް ކަމަށް ވުމާއެކު އެންމެ ދުވަހަކުވެސް ދަތުރު ހުއްޓިއްޖެނަމަ އެކަމުގެ ގެއްލުން ވަރަށް ގިނަބަޔަކަށް ލިބޭނެ ކަމަށެވެ.
ހެނބަދޫން ވާހަކަދެއްކި ސައީދާ ބުނީ މިއަދަކީ ޑޮކްޓަރަށް ދެއްކުމަށް މަނަދޫ ހޮސްޕިޓަލަށް ދާން ޖެހޭ ދުވަހެއް ކަމަށާއި، ފެރީ ހުއްޓުމުން އެދަތުރު އެހެންގޮތަށް ކުރަންޖެހޭތީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ.
ނ.އަތޮޅަށް ފެރީގެ ޚިދުމަތްދެމުންގެންދާ ދީބާޖާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ 50އަހަރަށް އުތުރު ޕްރޮވިންސްގެ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރާއެކު އެއްބަސްވެފައިވާ ކުންފުންޏެކެވެ. ސަރުކާރުން ބޭނުންވާ އަގުހެޔޮ މިންގަޑެއްގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ޝަރުތުކޮށްފައި ވާއިރު، އާމްދަނީ ހޯދުމަށް އެކުންފުންޏަށް ސަރުކާރުންވަނީ 240 އެނދުގެ ލަގްޒަރީ ރިސޯޓެއް ތަރައްޤީ ކުރުމަށް ރ.ކުޑަކުރަތު ދީފައެވެ. ދީބާޖާއިންވަނީ އެރަށުގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޕަންޗްޝިލް ރިއަލްޓީ ކިޔާ އިންޑިޔާ ކުންފުންޏެއްގެ ހިއްސާއޮންނަ ކުޑަކުރަތު އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައެވެ.
ވޭތުވެދިޔަ ހައެއްކަ ދުވަހު ނ.އަތޮޅުގެ ވެރިރަށް މަނަދޫން ކަރަންޓު ކެނޑޭތީ އެކި މުވައްސަސާތަކުން ޚިދުމަތް ހޯދުމުގައި ހިތްދަތިކަން ބަރުދާސްތު ކުރަމުންދިޔަ ނ.އަތޮޅު ރައްޔިތުންނަށް، އަތޮޅުފެރީ ހުއްޓުމުން އިތުރު ތަކުލީފުތައް ކުރިމަތިވާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ނ.އަތޮޅު ރައްޔިތުން ތިބީ މިކަމުގައި އަވަސް ހައްލެއް ފެނުމުގެ އިންތިޒާރުގައެވެ.

0 comments:

Post a Comment